ޢަބްދުﷲ ބިން ސަބާ އަލް-ޔަހޫދީ އަކީ ރާފިޟީ ޝީޢީ މަޒުހަބުގެ އަސްލު ބާނީކަން ޝީޢީ މަޞްދަރުތަކުން ސާބިތުވުން

ޢަބްދުﷲ ބިން ސަބައު އަކީ ހަގީގަތުގައި ވެސް އުޅުނު މީހެއް ކަމާއި، އޭނާގެ ހަގީގަތާމެދު ސުންނީ އަދި ޝީޢީ އިލްމުވެރިން ވަނީ އިއްތިފާގުވެފައެވެ. ނަމަވެސް، ބާނަޑް ލުވިސް، ޖޫލިއަސް ވެލްހައުސަން، ފްރީޑްލޭންޑާ، އަދި ކައެޓާނީ ލިއޯން ފަދަ އިސްތިޝްރާޤީ (Orientalists) މުފައްކިރުން އޭނާގެ ހަގީގަތާމެދު ޝައްކު އުފައްދަން ފެށިއެވެ. މި މީހުންގެ ފަހަތުން ތާހާ ޙުސައިން އާއި މުޙައްމަދު ކާމިލް ޙުސައިން ފަދަ މީހުންނާއި، ޝީޢީންގެ ތެރެއިން މުރުތަޟާ އަލް-ޢަސްކަރީ ފަދަ މީހުން ވަނީ މި ޝައްކުތައް ފަތުރާފައެވެ. ހިޖުރައިން 1300 ވަނަ އަހަރާ (މީލާދީން 1900) ޖެހެންދެން މިކަމުގައި އެއްވެސް ޚިލާފެއް ނެތެވެ.

އިސްތިޝްރާޤީ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކީރިތި ޤުރުއާނާއި، ނަބަވީ ޙަދީޘާއި، އިސްލާމީ ޢަޤީދާއާއި، އިސްލާމީ ޝަރީޢަތުގެ އިތުރުން އިސްލާމީ ތާރީޚާ މެދު ޝައްކު އުފައްދައި، މުސްލިމުންގެ ބާރު ކަނޑުވާލުމެވެ. އެހެންކަމުން، ޝީޢީ މަޒުހަބަށް ސައްހަކަން ހޯދައިދިނުމާއި، ޤުރުއާނާއި ސުންނަތާއި އަޞްޙާބު ބޭކަލުންނާ މެދު ފާސިދު ވިސްނުންތައް ފެތުރުމަކީ އެމީހުންގެ ބޮޑު އަމާޒެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ޢަބްދުﷲ ބިން ސަބައު އަކީ ޔަމަނުގެ ޔަހޫދީއެއް ކަމާއި، އޭނާއަކީ ޝީޢީ މަޒުހަބުގެ އަސްލު ބާނީކަން ކަށަވަރުކޮށްދޭ ޝީޢީ އިތުބާރު ހުރި މަޞްދަރުތަކަށެވެ.

ޢަބްދުﷲ ބިން ސަބައު އަކީ ރާފިޟީ މަޒުހަބުގެ ބާނީކަން ކަށަވަރުކޮށްދޭ ޝީޢީ މަޞްދަރުތައް:

  1. ރިސާލަތު އަލް-އިރްޖާ (Risaalah al-Irjaa’): މިއީ ޢަލީގެފާނުގެ ކާފަ ދަރިކަލުން އަލް-ޙަސަން ބިން މުޙައްމަދު ބިން އަލް-ޙަނަފިއްޔާ (އަވަހާރަވީ ހިޖުރައިން 100 ގައި) ލިޔުއްވި ފޮތެކެވެ. މި ފޮތުގައި އޭނާ ވަނީ ޢުޘްމާނުގެފާނާއި ޢަލީގެފާނާ މެދު އޭނާ ގެންގުޅުއްވި މެދުމިނުގެ ސިޔާސަތު ބަޔާންކުރައްވައި، އަބޫބަކުރުގެފާނަށް ބައިޢަތު ހިއްޕަވައި، ސަބައީންގެ (ޢަބްދުﷲ ބިން ސަބައުއަށް ތަބާވާ މީހުންގެ) ފިތުނައާ މެދު ވާހަކަ ދައްކަވާފައެވެ.
  2. ކިތާބު އަލް-ޣާރާތު (Kitaab al-Ghaaraat): އަބޫ އިސްޙާޤު އިބްރާހީމް ބިން މުޙައްމަދު އައްޘަޤަފީ (އަވަހާރަވީ 283 ހ.) ލިޔުއްވި މި ފޮތް އީރާނުގައި ޝާއިޢުކޮށްފައިވެއެވެ.
  3. ކިތާބު އަލް-މަޤާލާތު ވަލް-ފިރަޤު (Kitaab al-Maqaalaat wal-Firaq): ސަޢުދު ބިން ޢަބްދުﷲ އަލް-އަޝްޢަރީ އަލް-ޤުއްމީ (އަވަހާރަވީ 301 ހ.) ލިޔުއްވި މި ފޮތް 1963 ގައި އީރާނުގައި ޝާއިޢުކުރެވުނެވެ.
  4. ފިރަޤު އަލް-ޝީޢާ (Firaq al-Shia): އަބޫ މުޙައްމަދު އަލް-ޙަސަން ބިން މޫސާ އަލް-ނައުބަޚްތީ (އަވަހާރަވީ 300 ހ. ގެ ކުރިން) ލިޔުއްވި މި ފޮތުގައި ޢަބްދުﷲ ބިން ސަބައު އާއި އޭނާގެ ފިކުރުތަކާ ބެހޭ ތަފްސީލީ ބައެއް ހިމެނެއެވެ.
  5. ރިޖާލް އަލް-ކައްޝީ (Rijal al-Kashi): އަބޫ ޢަމްރު މުޙައްމަދު ބިން ޢުމަރު އަލް-ކައްޝީ (އަވަހާރަވީ 370 ހ.) ލިޔުއްވި މި ފޮތް އިރާޤުގެ ކަރުބަލާގައި ޝާއިޢުކޮށްފައިވެއެވެ.
  6. ރިޖާލް އައް-ޠޫސީ (Rijaal al-Toosee): ޝީޢީންގެ ބޮޑު އިލްމުވެރިޔާ އަބޫ ޖަޢުފަރު މުޙައްމަދު ބިން އަލް-ޙަސަން އައް-ޠޫސީ (އަވަހާރަވީ 460 ހ.) ލިޔުއްވި ފޮތެކެވެ. މީގެ ފުރަތަމަ އެޑިޝަން 1961 ގައި ނަޖަފުގައި ޝާއިޢުކުރެވުނެވެ.
  7. ޝަރަޙަ އިބްނު އަބީ އަލް-ޙަދީދު (Sharh Ibn Abi al-Hadeed): އިބްނު އަބީ އަލް-ޙަދީދު (އަވަހާރަވީ 656 ހ.) ނަހްޖުލް ބަލާޣާގެ މައްޗަށް ލިޔުއްވި ޝަރަޙައިގައި މި ވާހަކަތައް ހިމެނެއެވެ.
  8. އަލް-ރިޖާލް (al-Rijaal): އަލް-ޙަސަން ބިން ޔޫސުފް އަލް-ޙިއްލީ (އަވަހާރަވީ 726 ހ.) ލިޔުއްވި ފޮތެކެވެ. މިއީ ތެހެރާނާއި ނަޖަފުގައި ޝާއިޢުކޮށްފައިވާ ފޮތެކެވެ.
  9. ރައުޟާތު އަލް-ޖަންނާތު (Rawdaat al-Jannaat): މުޙައްމަދު ބާޤިރު އަލް-ޚަވާންސާރީ (އަވަހާރަވީ 1315 ހ.) ލިޔުއްވި ފޮތެކެވެ.
  10. ތަންޤީޙު އަލް-މަޤާލް (Tanqeeh al-Maqaal): ޢަބްދުﷲ އަލް-މާމަޤާނީ (އަވަހާރަވީ 1351 ހ.) ލިޔުއްވި މި ފޮތް ނަޖަފުގައި 1350 ހ. ގައި ޗާޕުކުރެވުނެވެ.
  11. ޤާމޫސު އަލް-ރިޖާލް (Qaamoos al-Rijaal): މުޙައްމަދު ތަޤީ އައް-ތުސްތަރީ ލިޔުއްވައި، ތެހެރާނުގައި ޗާޕުކޮށްފައިވާ ފޮތެކެވެ.
  12. ރައުޟަތުއްޞަފާ (Rawdat al-Safaa): ޝީޢީން އިތުބާރުކުރާ ފާރިސީ ބަހުން ލިޔެފައިވާ ތާރީޚީ ފޮތެކެވެ.
  13. އަލް-ކުނާ ވަލް-އަލްޤާބު (Al-Kunaa wal-Alqaab): ޢައްބާސް ބިން މުޙައްމަދު ރިޟާ އަލް-ޤުއްމީ (އަވަހާރަވީ 1359 ހ.) ލިޔުއްވި ފޮތެކެވެ.

މި ހުރިހާ މަޞްދަރުތަކަކީ ވެސް ޢަބްދުﷲ ބިން ސަބައު އަކީ ހަގީގަތެއް ކަމާއި، އޭނާއަކީ ޝީޢީ މަޒުހަބުގެ އަސްލު ބާނީކަން ކަށަވަރުކޮށްދޭ ހެކިތަކެވެ. އިތުރު ތަފްސީލަށް ސަޢުދީ އަލް-ހާޝިމީގެ “Ibn Saba’ Haqiqah Laa Khiyaal” ބައްލަވާށެވެ.

އިސްތިޝްރާޤީންނަކީ ކޮންބައެއް؟

އިސްތިޝްރާޤީން ނުވަތަ އޮރިއެންޓަލިސްޓުންނަކީ އިސްލާމީ ދީނާއި، ތާރީޚާއި، ޢަޤީދާ ދިރާސާކުރާ ހުޅަނގުގެ ޣައިރު މުސްލިމް އިލްމުވެރިންނެވެ. މިބައިމީހުންގެ މައިގަނޑު ބޭނުމަކީ އިސްލާމްދީނުގެ އަސާސްތަކާއި ތާރީޚާ މެދު ޝައްކު އުފައްދައި، ދީން ހަލާކުކޮށްލުމެވެ.

މަޞްދަރު

Scroll to Top